ޤައުމީ މަންހަޖުގެ އޮނިގަނޑު

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކުރު ތަޢާރަފެއް

ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއެރުވުމުގެ މަސައްކަތް ތަރައްޤީ ކުރުމަށްޓަކައި 1976 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން “އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް” (އީ.ޕީ.އޯ) ދިވެހި ސަރުކާރުން އުފެއްދިއެވެ. އޮފީހުގެ މައިގަނޑުމަސައްކަތަކީ ޔުނެސްކޯ އާއި ޔޫ.އެން.ޑީ.ޕީ އާއި ޔުނިސެފްގެ އެހީގައި ފެށި، ރާއްޖޭގައި ކިޔަވައިދިނުމަށް ބޭނުންވާ މަންހަޖު ފަރުމާކުރުމާއި، ފޮތްތައް ތައްޔާރުކުމާއި ޗާޕްކުރުމާއި، މުދައްރިސުން ތަމްރީން ކުރުމާއި އަތޮޅުތެރޭގެ ސްކޫލުތައް ޢިމާރާތް ކުރުމާއި، ޢާންމުން ހޭލުންތެރިކުރުވުމަށް ތަޢުލީމީ ރޭޑިޔޯ ޕްރާގްރާމްތައް އުފެއްދުމާއި، ޖަމާޢަތުގެ ތަޢުލީމުގެ ޙަރަކާތްތައް ހިންގުމެވެ.

އީ.ޕީ.އޯ ގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި 1979 ވަނަ އަހަރު އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ (އީ.ޑީ.ސީ) އުފައްދައި، އީ.ޕީ.އޯ އުވާލިއެވެ. އަދި ދިވެހިބަހުން މިސެންޓަރަށް ކިޔާނީ “ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު” ކަމުގައި 1981 ވަނަ އަހަރު ހަމަޖެއްސިއެވެ.
އީ.ޑީ.ސީ ގައި ކުރަމުންދިޔަ މަސައްކަތްތަކުގެތެރެއިން މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތާއި ޚިދުމަތުގައި ތިބޭ މުދައްރިސުންނަށް ތަމްރީން ދިނުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި 1984 ވަނަ އަހަރު “މުދައްރިސުންގެ ތަޢުލީމީ މަރުކަޒު” އުފެއްދިއެވެ. 1998 ވަނަ އަހަރު “މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން” އުފެދި، މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތް “ފެކަލްޓީ އޮފް އެޑިޔުކޭޝަން” އަށް ބަދަލުވިއެވެ. ނަމަވެސް، ކުޑަދުވަސްކޮޅެއްގެތެރޭގައި ޚިދުމަތުގައި ތިބޭ މުދައްރިސުންނަށް ތަމްރީން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބަދަލު ކުރުމަށްފަހު 2003 ވަނަ އަހަރު، އެމަސައްކަތް ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒަށް ބަދަލުކޮށް، “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޔުނިޓް” އެ މަރުކަޒުގައި ޤާއިމުކުރިއެވެ.

ހަމައެހެންމެ، އީ.ޑީ.ސީ ގައި ކުރަމުންދިޔަ ނުރަސްމީ ތަޢުލީމުގެ މަސައްކަތް ފުޅާކުރުމުގެ ބޭނުން ބޮޑުވުމާއެކު އެމަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، 1 ޖެނުއަރީ 1986 ގައި ނުރަސްމީ ތަޢުލީމުދޭ ބައި” އުފެއްދިއެވެ. އަދި 1 އޮކްޓޯބަރ 2002 ގައި، މިއޮފީހުގެ ނަން “ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން” (ސީ.ސީ.އީ) އަށް ބަދަލު ކުރިއެވެ. މިއޮފީހުގެ މަސްއޫލިއްޔަތަކީ ނުރަސްމީ ތަޢުލީމުގެ ޒަރީޢާއިން ޢާންމުންނަށް ތަޢުލީމާއި ހުނަރުވެރިކަން އުނގަންނައިދީ، އިޖުތިމާއީ އަދި އިޤުތިޞާދީ ތަރައްޤީގައި ޢާންމުން ބައިވެރިކުރުމަށް އެހީތެރިވެދިނުމެވެ. އަދި 2002 ވަނަ އަހަރުން ފެށިގެން ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅުންހުރި މަސައްކަތް، ސީ.ސީ.އީގައި ފެށުނެވެ. މީގެއިތުރުން އީ.ޑީ.ސީ ގައި ކުރަމުންދިޔަ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މަސައްކަތްތައްވެސް ސީ.ސީ.އީ އިން ކުރާގޮތަށް 2008 ވަނަ އަހަރުގެ ނޮވެމްބަރ މަހު ސަރުކާރުން ހަމަޖެއްސިއެވެ. މިބަދަލާއެކު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޓީޗަރ ރިސޯސް ސެންޓަރތަކުން ކުރަމުންދިޔަ މަސައްކަތް ވިލަރެސްކޮށް، ބެލެހެއްޓުމަކީވެސް ސީ.ސީ.އީ ގެ ޒިންމާއެއްކަމުގައި ހަމަޖެހުނެވެ.

ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒާއި ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ބަދަލުގައި “ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން” އުފެއްދުމަށް 30 އޮކްޓޯބަރ 2012 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުން ނިންމާ، 12 ޑިސެމްބަރ 2012 (12.12.12) ގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ރަސްމީކޮށް ސަރުކާރުން އުފެއްދިއެވެ.

ތަޞައްވުރު

ތަޢުލީމީ ގޮތުން ބާރުވެރި ކުރުވައި، އައު އީޖާދުތަކާއެކު ކުރިއެރުން ހޯދާ އިންސްޓިޓިއުޓަކަށްވުން

އަމާޒު

ދިރާސާ އާއި އައު އީޖާދުތަކާއެކު ދާއިމީ ގޮތެއްގައި އުނގެނުމަށް ފަހި ކޮށްދިނުން