ޓީޗަރ އެކްސްޗޭންޖް ޕްރޮގުރާމުގެ މަޤްޞަދަކީ ހުރިހާ ކުދީން ޝާމިލްކޮށްގެން ތަޢުލީމް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން، ސްކޫލުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގުރާމް ހިންގާ ސްކޫލްތަކުގެ މެދުމައި ގުޅުން ބަދަހިކުރުމެވެ. އަދި ސްކޫލްތަކުގައި ހިންގާ ކާމިޔާބު ޕްރޮގުރާމްތަކާއި، ކިޔަވައި ދިނުމުގައި ޤާބިލް ޓީޗަރުން ބޭނުން ކުރާ އުކުޅުތަކާއި، ހުނަރުތަކާއި، ޢަމަލީ ތަޖުރިބާތައް މިދާއިރާއަށް އަލަށް ނިކުންނަ ޓީޗަރުންނަށް ޙިއްސާ ކުރާނެ ފުރުޞަތު ފަހިކޮށް ދިނުމެވެ. 

30 ޓީޗަރުންނަށް އަމާޒުކޮށްފައިވާ މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗް 12 އިން 16އަށެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ސްކޫލްތަކުގެ ތެރޭގައި އަބޫބަކުރު ސްކޫލް، ބ.ތުޅާދޫ ސްކޫލް، ލ.އިސްދޫ ސްކޫލް، އިސްދޫކަލައިދޫ ސްކޫލް، ތ.ހިރިލަންދޫ ސްކޫލް، ކ.އަތޮޅު ތަޢުލީމީ މަރުކަޒު، މ.މުލަކު ސްކޫލް، ސ.ޝަރަފުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް،އަމީނިއްޔާ ސްކޫލް، ރެހެންދި ސްކޫލް، އަދި އަރަބިއްޔާ ސްކޫލް ފާހަގަ ކޮށްލެވެއެވެ. މި ޕްރޮގުރާމްގައި ބައިވެރިވާ ސްކޫލްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.